ކުރުވާހަކަ: ޖަވާބު ނުލިބޭ ސުވާލު؟

ލިޔުނީ : އަހާ

އަހަރެންނަށް އިނދެވުނީ ގެއްލެމުންދާ ރަށާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ރޮވެނީ އެވެ. ގިސްލެވެނީ އެވެ. ބޯޓް ސަންޑެގަށް އަރާ އިނީވެސް އަހަރެން ދެރަވެ ރޯކަން އެހެން މީހުންނަށް އަންގަން ބޭނުން ނުވާތީއެވެ. ގްރޭޑް ހަތެއް ނިންމާލުމަށް ފަހު ސެކަންޑަރީ ކިޔެވުމަށް އަހަރެން މާލެ މިދަނީ ރަށުގައި އެފުރުސަތު ނެތުމުންނެވެ.

މާލޭގައި ގޮސް އަހަރެން ހުރީ ބައްޕަގެ ގާތް އެކުވެރިއެއްގެ ގޭގަ އެެވެ. އެމީހުން އަހަރެންނަށް ވަރަށް ރަނގަޅެވެ. ނަމަވެސް މައިންބަފައިންނާ އުޅެބޮޑުވިި ރަށްމަތިން އަބަދުމެ ހަދާންވަމުންދިޔަ އެވެ. ނަސީބު ރަނގަޅުކަމުން އަހަރެންނަށް ވަދެވުނީ އަހުމަދިއްޔާ ސްކޫލްގެ ގްރޭޑް އަށަކަށެވެ. އަހަރެން ކިޔެވުމުގައި  . ކަންކަމުގައި މާޔޫސްވެ ދެރަވެއްޖެ ކޮންމެ ހިނދެއްގައި ރަށުގެ އެކުވެރިންނާއި ރަޚުމަތްތެރިންގެ މަތިން ހަދާންވެ ރޮވެއެވެ. އެފަދަ ވަގުތު ތަކުގައި އަހަރެން މާތް ﷲ ގެ ހަސްރތުގައި ދުޢާކުރަނީއެވެ. އަބަދުވެސް އަހަރެން ބަރާބަރަށް ނަމާދުކުރުމަށް ސަމާލުކަންދެމެވެ.

ކާމިޔާބު ކަމާއި އެކު އަހަރެން ގްރޭޑް 10 ނިންމާލައިފީމެވެ. އޭ ލަވަލް ހެދުމުގެ ބަދަލުގައި އަހަރެން ނިންމީ ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދިޔުމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން އަހަރެން ބޭނުންވަނީ ކިޔަވައިގެންނެވެ. މިހެންވުމުން ފެކަލްޓީ އޮފް ޓުއަރިޒަމް ސްޓަޑީޒްއަށް ހޮޓެލްސް މެނޭޖްމެންޓް ޑިގްރީ ހެދުމަށްޓަކައި އަހަރެން ވަދެއްޖައީމެވެ. ފުރަތަމަ ހަފްތާ ތެރޭގައި މުޅިން އައު ކުދިންނާއި ދިމާވުމުން ހުރިހާ ކުދިންވެސް ތިބީ ގައުވެފައެވެ. ވާހަކަ ދައްކަނީވެސް ކޮންމެހެން ބުނަންޖެހޭ އެއްޗެއް ބުނަން ޖެހިއްޖެ ފަހަރެއްގައެވެ. ނަމަވެސް ދެވަނަ ހަފްތާއަށް ފަހު އެކަކު އަނެކަކަށް ވާހަކަދައްކަން ފެށުނެވެ. މަޖާކުރުމާއި ކުލާސްކުދިން އެކީގައި ކޮފީބޯން ހަފްތާއަކު އެއްފަހަރު ނަމަވެސްް ދިޔުމަކީ އަހަރުމެންގެ އާދައެކެވެ.

ފެކަލްޓީގެ އަހަރީ ކޮންސެޓަށް ތައްޔާރުވުމަށްޓަކައި އަހަރުމެން އަވަދި ނެތި އުޅެންފަށައިފީމެވެ. އަހަރީ ކޮންސެޓަށް ތައްޔާރުވަމުންދަނިކޮށް އަހަރެންނާއި ފެކަލްޓީން މިހަރަކާތާއި ހަވާލުވެ ހުންނެވި ޔާޝް މިސް ބައްދަލުކުރިއެވެ. ޔާޝް މިސް އެދުނީ ލަވައެއް ކިޔާލަދިނުމަށެވެ. އަހަރެންނަކީ އިންޓަރ ހައުސް ލަވަމުބާރާތުގައި ބައިވެރި ވެފައި ހުރި މީހެއްކަން ޔާޝް މިސް އަށް ރަނގަޅަށް އިނގެއެވެ. އަހަރެން އެކަމާއި އެއްބަސް ވީމެވެ. ލަވަހުށަހެޅުމަށް ހަތަރު ކުއްޖަކު ތިއްބެވެ. ޝީޒާ އާއި އަހަރެން ކިޔަން ނިންމި ލަވަޔަކީ ހުވާކޮށްފާބުނަން ލޯބިވޭ މިލަވައެވެ. އަހަރުމެން ކުލާހުން އައިޓަމެން ހުށަހަޅުމުގެ ބައްދަލުވުމުގައި އަހަރެންވެސް ބައިވެރިވީމެވެ ނަމަވެސް އެހެންކުދިންނަށް ފުރުސަތު ދިނުމަށް އަހަރެން ކުލާސް އިވެންޓް ދޫކޮށްލީ އެވެ.

ޝޯ ފެށިއްޖެ އެވެ. ކުލާސްތަކުން އެކުލާސްތަކުގެ ހުށަހެޅުންތައް ހުށަހަޅަމުން ދެއެވެ. އަހަރެންނާއި ޝީޒާގެ ލަވަ އޮތީ  ޝޯވގެ މެދުތެރެއިން ކަހަލަގޮތަކަށެވެ. އަހަރުމެންގެ ހުށަހެޅުމުގެ ވަގުތު ޖެހިއްޖެއެވެ. ލަވަކިޔަން ފެށުމުން އޯޑިއަންސްގެ ފޯރި ގަދަވަމުންދިޔައެވެ. ޝީޒާ އަކީ ވެސް ކޮންމެވެސް ވަރަކަށް ލަވަ ކިޔާކުއްޖަކަށްވާތީ ލަވައިސާހިތަކު ވަރަށް ސަޅިކޮށް ހުށަހަޅާލެވިއްޖެއެވެ. ލަވަ ނިމުމުން އޯޑިއަންސްގެ ހޫނު ތަރުޚީބުގެ އަތްތިލަބަޑީގެ އަޑު އިވިގެންދިޔައެވެ.

ލަވަކިޔާނިންމާލުމަށްފަހު ސްޓޭޖުން ފޭބުމުންވެސް ގިނަ ކުދިން މަރުޚާބާކިޔެވެ. އަހަރެން ހޯލް ބޭރުގައި މަޑުކޮށްލައިގެން ހުއްޓާ ރައުދާ އަހަރެންކައިރިއަށް އައިސް ލަވަ ވަރަށް ރީތިކަމަށް ބުންޏެވެ. އަހަރެން ތެންކްސް އޭ ބުނީމެވެ. ރައުދާ އަކީ އަހަރުމެން ކުލާހު ކުއްޖެކެވެ.  އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށް ފަހު "ސުވާލެއް ކޮށްލިޔަސް އެންމެ ރަނގަޅުތަ؟" ރައުދާ އެހިއެވެ. އަހަރެން އާއެކޭ ބުނީމެވެ. ރައުދާ ސުވާލުކުރިއެވެ، " އެއީ ކާކަށް ކިޔައިދިން ލަވައެއް ހެއްޔެވެ؟ " އަހަރެން މާބޮޑު ވިސްނުމަކަށް ނުގޮސް ބުނީ އެއީ ރައުދާ އަށް ކިޔައިދިން ލަވައެއްކަމުގައެވެ. ތެންކްސް އޭ ބުނެލުމަށްފަހު ރައުދާ ހިނގައްޖެ އެވެ.

ކޮންސެޓް ނިންމާލުމަށްފަހު ގެއަށް ގޮސް ފެންވަރާލައިގެން ނިދަން އޮށޯތީމެވެ. އިރުކޮޅަކުން ފޯން ރިންގވާންފެށިއެވެ. އަހަރެން ފޯނަށް ބަލައިލީމެވެ. ރައުދާއެވެ. މިގަޑީގައި ރައުދާ ގުޅަނީ އަނެއްކާ ކިހިނެއްވީބާވައޭ ހިތާހިތުން ކިޔާލުމަށްފަހު ފޯނު ނަގައިފީ މެވެ.

"އައްސަލާމް އަލައިކުމް" މިއީ ރައުދާ. އަހަރެން ވައަލައިކުމުއްސަލާމޭބުނީމެވެ. ރައުދާ ބުނީ މިރޭކީލަވަ ވަރަށް ރީތިކަމަށާއި އަހަރެންނާއި ދޭތެރޭ ވިސްނޭ ކަމަށެވެ، އަދި ފާޑެއްގެ ގޮތެއް އަހަރެން ފެނުނީމާ ވާކަމަށްށާއި ބޭނުންވަނީ އަބަދުވެސް އަހަރެންނާއި އެކުގައި އުޅުމަށްކަމަށެވެ. އަހަރެންވެސް ރައުދާއާއި އެކު އުޅޭ ހިތްވާކަމަށް ބުނީ އަހަރެންގެ އެއްވެސް ލޯބިވެރިއެއް ނެތީމައެވެ. އޭގެ ފަހުން ކޮންމެ ރެޔަކުހެންވެސް އަހަރުމެން ދެމީހުން ގުޅަމެވެ. އެތައް އިރަކުވާހަކަދައްކަމެވެ. މެއި 21 ވަނަ ދުވަހަކީ ރައުދާގެ އުފަންދުވަސް ކަމަށްވާތީ ކެއުމަކަށް އަހަރެން ރައުދާއަށް ދަޢުވަތު ދިނީ މެވެ.

ރަޢުދާ ގޮވައިގެން ސައިކަލްގައި މާލެވަށާ ބުރެއްޖަހާލުމަށްފަހު އަހަރުމެން ދެމީހުން ދިޔައީ ކާނިވާ ތެރޭގައި ހުންނަ ލިލީސް ރެސްޓޯރެންޓަށެވެ. އެރޭ އަހަރުމެން ދެމީހުންގެ ހަޔާތުގެ އެތައް ވާހަކަތަކެއް ދެމީހުން އެކަކު އަނެކަކަށް ހިއްސާކުރެވުނެވެ. ރައުދާ އަހަރެން ދެކެ ލޯބިވާ ކަމަށްބުނުމުން އަހަރެން އެލޯބި އެރޭ ޤަބޫލުވެސް ކުރީމެވެ. ހަޔާތުގައި ލިބުނު އާބައިވެރިޔާ އާއެކީ އުފާވެރި މަންޒިލެއް ހޯދޭނެކަމުގެ ފޮނި އުއްމީދުގައި އަހަރެންނާއި ރައުދާގެ  ލޯބީގެ ދަތުރު ފެށިގެން ދިޔަ އެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ރައުދާ ގުޅިއެވެ. އަދި އެދުވަހުގެ ހަވީރު އެގެއަށް އައުމަށް އަހަރެންނަށް ދަޢުވަތު ދިނެވެ. އަހަރެން އެގެއަށް ދިޔައިމެވެ. ރައުދާ އަހަރެންބަލާ ދޮރާށި ކައިރިއަށް ނިކުތެވެ. އަދި އަހަރެން ރައުދާގެ ބޭބެއިންނާއި ކޮއްކޮއިންނަށް ތަޢާރަފްކޮށްދިނެވެ. ި އެންމެ އެކީގައި ސައިބޮއި ނިމުމުން ރައުދާގެ މަންމަ އެދުނީ އެގެއަށް އައިސް އުޅުމަށެވެ.  ރައުދާ އަކީ ކިލާސްކުއްޖެއްކަމުން ދެމީހުން ކިލާހުގައި ތިބެނީވެސް ކައިރި ކައިރީގައެވެ. އިންޓަވަލް އަށް ދަނީވެސް އެއްކޮށްނެވެ. އަދި ކޮންމެ ދުވަހަކުވެސް އަހަރެން ގެއަށް ދަމުން ދަނީ ރައުދާމެންގެ ގެއަށް ރައުދާ ޑްރޮޕްކޮށްލާފައެވެ. އަހަރުމެން ދެމީހުން  ކުލާސް ނިންމާލުމަށް ފަހު ގިނަވަގުތު ހޭދަކުރަމުން ދަނީ ރައުދާމެންގެ ގޭގަ އެވެ.

ރިޒޯރޓްގައި އެއްމަސް ދުވަހުގެ ތަޖުރިބާ އަކީ ކޮންމެ ކުއްޖަކުވެސް މިކޯހުގައި ކުރަންޖެހޭ ކަމެކެވެ، ރިސޯރޓްތަޖުރިބާ ދަތުރުގައި  އަހަރެން ދާާންޖެހުނީ ސަން އައިލެންޑަށް ކަމުގައިވީނަަމަވެސް ރައުދާ ދާގޮތަށް އޮތީ ވަންއެންޑް އޮންލީ ރީތިރަށް ރިސޯރޓަށެވެ. ތަޖުރިބާ ދަތުރު ދެމީހުން ދެރިސޯރޓަށް ދިޔަނަމަވެސް އެކަކު އަނެކަކަށް ކޮންމެ ރެއަކުވެސް ފުރަތަމަ ހަފްތާގައި ނިދުމުގެ ކުރިން ވާހަކަ ދެއްކެއެވެ. ނަމަވެސް ދެވަނަ ހަފްތާގައި ހަތަރު ރޭ ވޭތުވެގެން ދިޔައީ ރައުދާ ބިޒީކަމުން އަނގައިން ނުބުނެވިއެވެ. ހަޤީޤަތުގައިވެސް ބިޒީކަމަށް ނިންމައިގެން އަހަރެން އަހަރެންވެސް ޓްރެއިނިންގް ގައި ހަރަކާތްތެރިވަމުން ދިޔައީމެވެ. ނަމަވެސް ފަސްވަނަ ރޭގެ ފަހުން އެއްގޮތަކަށްވެސް ރައުދާ ފޯނެއް ނުނަގައެވެ. ވީގޮެތެއްވެސް ނޭންގެއެވެ. ރީތިރަށަށް ދިޔަ ކުލާސް އެހެންކުއްޖެއް ކަމުގައިވާ ހާލިސާއަށް އަހަރެން ގުޅީމެވެ. އަދި ވެގެން އުޅޭގޮތެއް ސާފުކޮށްދިނުމަށް އެދުނީމެވެ. ނަމަވެސް ރައުދާ ހާލިސާ ކައިރި ބުނިކަމަށްވަނީ އަހަރެންގެ ވާހަކަ ފިޔަވައި އެހެންވާހަކަތައް ދެއްކުމަށެވެ. އަހަރެންގެ ވާހަކަ ދެއްކުމަށް އިތުރަށް އައިސްގެން ނުވާނެ ކަމަށް ބުނެ އިންޒާރު ދިންކަމަށް ހާލިސާ ބުންޏެވެ.

ޓްރެެއިންނިންގް ދަތުރަށް ފަހު ކުލާހަށް ދިޔަ ފުރަތަމަދުވަހު ރައުދާ ކުލާހަށް އައީވެސް އިންޓަވަލް ފަހުންނެވެ. އަހަރެން ކުލާސް ނިންމާލުމަށްފަހު ރައުދާ ކައިރި ވިގޮތެއް އޮޅުންފިލުވުމަށް އެދުނީމެވެ. ޖަވާބެއް ނުދިންތާ ބަލައިވެސް ނުލާ ބޭބެގެ ސައިކަލް ފަހަތަށް އަރައިގެން ގެއަށް ހިނގައްޖެއެވެ. މިވީ ކިހިނެއްހެޔެވެ؟ ރައުދާ ކުއްލިއަކަށް ވާހަކަ ދެއްކުން ހުޓާލީ ކީއްވެ ބާވައެވެ. މިއީ އަހަރެންގެ ހިތުގައި އުފެދިފައިވާ ޖަވާބު ނުލިބިވާ ސުވާލެކެވެ.

ކިޔުންތެރިންގެ ކޮމެންޓް

  • ސިނާއުSaturday 11th October 2014

    ވަަާހަކައިގެ ނުނިމިއޮތް ބައި ބޭނުން

މި ލިޔުމަށް ކޮމެންޓްކުރަށްވާ