ކަމެއް ދިމާވުމުން ހަނު ހުރުމަކީ އެއީ ކަމުގެ ހައްލެއް ނޫނެވެ. ކޮންމެ ކަމަކަށް ވެސް ދެވެން އޮތް އެންމެ ރަނގަޅު ޖަވާބުދީ، ނުނީ ކަންވެ ދިޔަގޮތް ކިޔައިދިނުމަކީ ކަންކަން އެންމެންނަށް އެނގިގެންދާނެ ކަމެކެވެ.

ހާއްސަކޮށް ތަންތަނުގެ ވެރިންނަށް ތިބޭ އިރު ކޮނޑުގައި ޒިންމާ އާއި މައްސޫލިއްޔަތު އެޅިފައިވާ މީހުން މިފަދަ ކަންކަކަމަށް ސަމާލުވުން މުހިއްމެވެ. މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މިފަދަ ކަންކަން ފެންނަކަމީ މިއީ ދެރަ ވާންޖެހޭ ކަމަކެވެ. ތިމާއާ ދިމަޔަށް އިނގިލި އުފުލުމަށް ފުރުސަތު ދިނުމަށް ވުރެ ނުދިނުން މާ މުހިއްމެއް ނުންތޯ އެވެ؟

މާދަން ހަމަ އެމީހާ ގާތަށް ތިމާ ކަމަކު ދާންޖެހިދާނެވެ. އަނެކާ ހުރިތަނުގައި ތިމާ ހުރެ ވިސްނާލާ އެކަމެއްގެ އެންމެ އެކަށޭނެ ހައްލެއް ހޯދައިދިނުން ކީއްތޯ އެވެ؟

އަނެކާގެ ކުރިމަތީގައި ތިމާގެ އަގު ހިފެއްހެއްޓުމަށްޓަކައި އަނެކާ އަށް އިހްތިރާމުކުރުން މުހިއްމެވެ. ރައްޔިތުންގެ ކަންކަމުގައި ޒިންމާދާރު މަގާގުތައް ހަވާލުކުރަނީ ޒިންމާދާރު މީހުންކަމުގައިވުން މުހިއްމެވެ. ސިޔާސީ ކަންކަމުން އެކިއްބާވެ، މަގާމުގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމުގައި ސިޔާސީ ކުލަ ޖެހެން ނުޖެހޭ މިންވަރަށް ޖެހުމަކީ އަމިއްލަ އަގު ވެއްޓުމުގެ ފެށުމަކަށްވެދާނެ އެވެ.

ސީދާ ރައްޔިތުންނާ ގުޅުން ހުރި ކަންކަން ހައްލުކޮށް ދިނުމަށް މަގާމުން ބޭރުން ވެސް ކަންކަން ކުރެވޭނަމަ އެކަންކަން ކުރުމަށް އަވެސްވެ ގަތުން ކީއްތޯ އެވެ،؟ މަސައްކަތުގެ މާހައުލުގައި ލިބޭ އުޖޫރަ ހަލާލުވާވަރު ކުރުމަކީ ކޮންމެ މީހަކު ވެސް ސަމާލުވެ، ކުރަންޖެހޭނެ ކަމެކެވެ. މިކަން ކަމަށް ސަމާލުނުވާނަމަ، ރައްޔިތުންގެ ކުރިމަތީގައި ތިމާ ފެއިލްވެ، ކުރިމަގު ފަސް ޖެހުން މާ ދުރެއް ނޫނެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ