ޔާމިންގެ ހިޔާލު: ލޯބިވާ ވެލިދޫ އެވެ. އަޅުގަނޑުމެން އެބަ މަސައްކަތްކުރަމު އެވެ.

އަޅުގަނޑު އިއްޔެ ވެސް، މިއަދު ވެސް އަދި މާދަމާ ވެސް ފަޙުރުވެރިކަމާ އެކު އަޅުގަނޑުގެ އުފަން ރަށަކީ ނ. ވެލިދޫ އެވެ ބުނަން ކެރެ އެވެ. ކެރޭނެ އެވެ. އެކަމުގައި އަޅުގަނޑުގެ ފަސްޖެހުމެއް، މަޑުޖެހުމެއް، ލަތުވެތިކަމެއް ދުވަހަކު ނޯވެ އެވެ.

އަޅުގަނޑުގެ ޤަބޫލުކުރާ ގޮތާއި އުސޫލު މިހެން އޮތް ނަމަވެސް، މިފަހަކަށް އައިސް ވެލިދޫއަށް އުފަން އަޅުގަނޑު ދަންނަ ބައެއް ތަޢުލީމީ ޒުވާނުންނާއި، ރަށުން ބޭރުގައި ދިރިއުޅެމުންދާ ބައެއް ހަރު ބޭފުޅުން ތިމަންނާގެ އުފަން ރަށަކީ ނ. ވެލިދޫ އޭ ބުނަން ލަދުގަންނަ ކަހަލަ އެވެ.

އެފަދަ ބޭފުޅުން ދައްކަވާ ބަހަނާތައް ވަރަށް ގިނަ އެވެ. އޭގެއިން އެންމެ އަޑުގަދަ ބަހަނާއަކީ، ވެލިދޫއަކީ މިއަދު މަސްތުވާތަކެތީގެ ނުބައި، ހުތުރު އަމަލުތަކުގެ ތެރޭގައި ހަރާބުވެފައިވާ ބަޔަކު ދިރިއުޅޭތަނެއްގެ ގޮތުގައި މުޅި ރާއްޖެއަށް މަޝްހޫރުވެފައިވާ ތަނެއްކަމުގައި ވުމެވެ. ކަންމިހެން އޮތުމުން ތިމަންނާގެ ފަސްގަނޑަކީ ވެލިދޫ އޭ ބުނުމުން އަޑުއަހާ މީހާ އެ އަށް މަލާމާތުގެ ރާގަކުން، އެއީ "ނަރަކަ ވެލިދޫ" އެވެ ބުނާތީ ގަންނާކުރައްވާ ލަދުންނެވެ.

ތެދެކެވެ! ތިމާގެ އުފަން ބިމަކީ ހަރާބުގެ ޢަމަލުތަކުން ފުރިފައިވާ ތަނެއްގެ ގޮތުގައި ދުރުތިބީންނާއި ގާތްމީހުން ސިފަކުރާކަމުގައި ވާނަމަ، ކޮންމެ ވެސް ވަރެއްގެ ލަދުވެތިކަމެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ކުރާނީ ކީއްތޯ އެވެ؟ އެ ބޭފުޅުން ހަމަ ލަދުގަންނަނީ އެވެ!

އުފަން ރަށަކީ ވެލިދޫ އޭ ބުނަން ލަދުގަންނަނީ އެވެ. އެކަމަކު އެލަދުން ސަލާމަތްވުމަށް ތިމާގެ އުފަން ރަށަށް ތިމާކޮށްދިނީ ކޮންކަމެއްތޯ އެވެ؟ އެއްވެސް ކަމެއް ނުކޮށްދެވޭ ދެއްތޯ އެވެ؟ ކުރާންނުވެސް ވިސްނަން ދެއްތޯ އެވެ؟

ތިބާގެ ރަށަށް ލިބޭ ކޮންމެ ރީތި ނަމަކީ އަދި ތިބާގެ ރަށަށް ލިބޭ ކޮންމެ ހުތުރު ނަމަކީ ތިބާއާއި ގުޅި ލާމެހިފައިވާ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން މީގެ ކުރިން ޤަބޫލުކުރަމުން އައި ނަމަވެސް، މިއަދުގެ ހާލަތު މިވަނީ ބަދަލުވެފަ އެވެ. ރަށުގެ ތަރައްޤީއަށް ކަންކަން ނުވާ ވާހަކައާއި، ރަށުގެ އެކި ފަންތި އަދި ގިންތިތަކުގެ މީހުންގެ ހާލަތާއިމެދު ވިސްނާ ފަދައިން، ރަށުގެ އިޖުތިމާޢީ ފޭރާމާއިމެދު ވިސްނާ ފިކުރު ކުރަން ޖެހެ އެވެ.

ދުރުން އަންނަ މެހެމާނާއަށް އަގުބޮޑެތި ސަފާރީ އުޅަނދުތަކުންނާއި، ކުދި ނަލަ ލޯންޗުފަހަރާއި އޮޑިފަހަރުން ޒީނަތްތެރިވެފައިވާ ބަނދަރު ފެނުމުން ލިބޭ ހިތްހަމަ ޖެހުން، ރަށުގެ އިޖްތިމާޢީ މާހައުލުގައި ފަސް މިނިޓް ހޭދަކޮށްލުމުން މުޅިން ބަދަލުވެގެންދާކަން މިއަދު އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހެ އެވެ. މާޔޫސްކަމުގައި ކުރާނެ މަސައްކަތެއް ނެތް ހިނދު، މުނިފޫހިފިލުވާލެވޭނެ ހާލެތްނެތި، މިޖީލުގެ ނޫކަށި ޒުވާނުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެ، ނާއުންމީދުވެފައިވާ މަންޒަރަކީ، ވެލިދޫގެ ލަގޮނޑިއަށް ތަދުވާނެ ކަމެކެވެ. މި ފަސްގަނޑު މިހާލަތާއި މެދު ކަރުނަ އަޅާނެކަން ޔަޤީނެވެ. އެކަމާއި ވެލިދޫގެ ހިތްވަރުގަދަ މި ފަސްގަނޑު ތެޅި ފޮޅޭނެކަން ޔަޤީނެވެ. ގޯހުގެ ފެށުމަކީ އަސްލަކީ އިހުމާލެއް އޮތުމެވެ.

މައިން ބަފައިންގެ އިހުމާލާއި، ކަންވޮށިގެންވާ ފަރާތްތަކުގެ ނާޤާބިލުކަމުން ދިމާވެފައިވާ އިޖުތިމާޢީ ހާލަތު ރަނގަޅުކުރުމަށް އެކަށީގެންވާ ވަރުގެ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިނުވާ ކަމީ، ރަށުގެ ހާލަތު އިތުރަށް ގޯސްވެގެންދިޔަ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ރިވެތި އަޙްލާޤާއި، މަތިވެރި ތަޢުލީމު އުގެނުމުގެ މަރުކަޒު ކަމަށްވާ ސްކޫލުގެ ހަތަރު ފާރުގެ ތެރޭގައި ވެސް މަސްތުވާތަކެތީގެ އިސްތިޢުމާލުކުރުމުގެ "ސީރިއަސް" މައްސަލަތައް ފެންމަތިވެގެން ދިޔައީ އެވެ. އެފަދަ ކަންކަން ފެންމަތިވެ، ތިލަވެގެންދާނީ ކިތައް ދުވަހު އެކަންކަން ތަކުރާރުވެފައި ވަނިކޮށްތޯ އެވެ؟

ގައިމުވެސް އެއީ އެއްދުވަހަކު ދެ ދުވަހެއްގެ ކަމެއް ނޫނެވެ. ފަޅާއަރަން ވީމާ ފަޅާ އަރަނީ އެވެ. އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ހުދު އެކަންކަމުގެ ޒިންމާ އުފުލަން ތިއްބެވި ފަރާތްތަކުން ހިތުގެ އަޑިން ޤަބޫލުކުރެ އެވެ. ހުދު އަޅުގަނޑުގެ މަޤާމުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް އަޅުގަނޑަށް ވެސް އެކަށީގެންވާ ނަތީޖާއެއް އަދި އާއްމު އިޖުތިމާޢީ މައްސަލަތަކުގެ ހައްލެއް ހޯދިފައެއް ނުވެ އެވެ. އަޅުގަނޑުގެ މި މަސައްކަތް ފިނިހަކަ ދުވެލީގައި ދާ ކަމަށްޓަކައި މަޢާފަށް އެދެމެވެ. އެހެން ނަމަވެސް، ކަންކަން ރަނގަޅު މަގަށް ގެންދިއުމަށް ހުދު އަޅުގަނޑަށް ވެސް މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގެ އިހުސާސް ކުރެވެއެވެ. ނަތީޖާ ވެސް އިރާދަކުރެއްވިއްޔާ ނެރޭނެ ކަމުގެ ޔަޤީންކަން ވެލިދޫ ދާއިރާގެ ރައްޔިތުންނަށް އަޅުގަނޑު ދެމެވެ.

އެއީ ގޯހެކެވެ! އެކަން ރަނގަޅުކުރާށެވެ!

ޒުވާނުންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޒުވާނުންނަށް ދެމެހެއްޓެނިވި ހެޔޮ ފުރުސަތުތަކެއް ހޯދައިދޭން އެބަޖެހެއެވެ. އެގޮތުން ވަޒީފާއެއް ނެތި، ގޭގައި ތިބެންޖެހުމުން މަގުމައްޗަށް ގިނަވެފައިވާ ޒުވާނުންނަށް މުނިފޫހި ފިލުވޭނެ ނިޒާމެއް ޤާއިމުކުރެވެން އެބަޖެހެއެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވެލިދޫ ޒުވާނުންގެ މަރުކަޒަށް ވެލިދޫގެ ޒުވާނުންނަށް ވަދެވެން އެބަޖެހެއެވެ. އެތަނުގައި ހެޔޮގޮތުގައި މުނިފޫހި ފިލުވާ، ދިރިއުޅުމުގެ ތަމްރީނާއި، ތަޖުރިބާތަކެއް ލިބެންޖެހެއެވެ. ޒުވާނުންގެ މަރުކަޒުގެ މަސައްކަތް މިހާރު އޮތް ހިސާބުން ގޮސް ނިއްމާލުމަކީ ތަރައްޤީގެ އެންމެ މުހިންމު އެއް ޕްރޮޖެކްޓަށް ހެދުން ކީއްތޯއެވެ؟ އަންނަން އޮތް ބޮޑުހިލަ ބަދަރާއި އެއްވަރަށް، ޒުވާނުންގެ މުސްތަޤްބަލު ވެސް މުހިންމު ނޫންތޯ އެވެ؟

އަނިޔާއަކީ އިންސާނާގެ ލަދުހަޔާތް ކަނޑުވާލާ ކަމެކެވެ. އަނިޔާއަކީ އިންސާނާ އެންމެ ނަފްރަތުކުރާ ކަމެވެ. އަނިޔާއަކީ އިންސާނާ އަނދިރިކޮށްލާ ކަމެކެވެ. މިއަދު މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ބަލި ޒުވާނުންނަށް، ފަރުވާގެ ބަދަލުގައި އަނިޔާ ލިބެމުންދާ ނަމަ، އެ ޒުވާނުން އެހެން ދިމާލަކަށް މިސްރާބު ޖެހުން އެކަށީގެންވެއެވެ. އެފަދަ އަނިޔާތަކުގެ ނަތީޖާއެއްގެ ގޮތުން، އެކުދިންގެ ކިބައިން އިންސާނިއްޔަތާއި، ހަމްދަރުދީގެ މާތް ސިފަތައް ގެއްލި، މި ލޮބުވެތި ފަސްގަނޑުގައި އިހުނަށްވުރެ ފުން ލޭކޯރެއް އުފެދުން އެކަށީގެންވެއެވެ. މިއަދު އަޅުގަނޑުމެންގެ ލޮބުވެތި މުޖްތަމަޢު މިދަނީ އެދިމާލަށެވެ. އެހެން ކަމުން ފުލުހުން ގެންގުޅެމުންދާ މިންގަނޑާއި، އުސޫލު ބަދަލުކޮށް، ކުށްކުރަންދެން މަޑުނުކޮށް، ކުށްކުރުމުގެ ކުރިން އެކަން ހުއްޓުވުމުގެ ވިސްނުމާއި، ޚިޔާލު ބައްޓަން ކުރަންޖެއެވެ. އޭރުން ނަތީޖާ ފެންނާނެކަން ޔާޤީނެވެ.

ތަމްސީލުކުރުމަކީ މަގުފަހިވާ ކަމެކެވެ. ތަމްސީލަކީ އޭގެ އަސްލަށް ވާސިލްވެވޭތޯ މަސައްކަތްކުރާނެ އެއްޗެކެވެ. އޭގެ ހަޤީޤީ ނަތީޖާއަކީ ގޯހެކެވެ. ނަމަވެސް، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމުގެ ނަމުގައި ބޭއްވޭ ގިނަ މަސައްކަތު ބައްދަލުވުންތަކާއި، ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ގޮތްތަކާއި، އެކަމަށް ބޭނުންކުރާ ވަސީލަތްތަކުގެ މަންޒަރާއި، ކަންކުރާ ގޮތުގެ ތަމްސީލު ދައްކަދެއެވެ. ދަންނަވަންތޯ އެވެ! އެއީ ގޯހެކެވެ! އެކަން އެގޮތަށް ނުކުރާށެވެ! އޭގެ ނަތީޖާ މިއަދު މިފެންނަނީ އެވެ. އެކަމުން ސަލާމަތްވާނެ ގޮތަށް އެފަދަ ބައްދަލުވުންތައް މިސްރާބު ކުރުމުން ނަތީޖާ ފެންނާނެއެވެ. ނަތީޖާ ނެރެވޭނެއެވެ.

އިރާދަ ކުރެއްވިއްޔާ މިއަދު އިރު އޮއްސި، މާދަމާ އިރު އަރާނެއެވެ. "މިއަދު" އަންނަނީ "އިއްޔެ"ގެ ހާލަތު ބަދަލުކުރަންށެވެ. "ރަނގަޅު" އޮންނަނީ "ގޯސް"ކޮށް ބަޔަކު ކަންކަން ކުރާނެކަން ދިރިތިބީންނަށް އެނގޭތީއެވެ. އަޅުގަނޑުމެންގެ ހާލަތު އަޅުގަނޑުމެން ބަދަލުކުރަން މަސައްކަތް ނުކުރާނަމަ، އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ހާލު ދެރަކޮށެވެ. ވަރިހަމަކޮށްފިނަމަ، އެކަމެއް ނިމިދާނީ ބޮޑު ވަރިހަމައަށެވެ. އެހެންކަމުން، ވެލިދޫގެ ފަސްގަނޑަށް އުފަން ހީވާގި، މަސައްކަތްތެރި، ފޯރާ، ތަޢުލީމީ ޒުވާނުންނާއި ހަރު ބޭފުޅުން ވެލިދޫގެ އިޖުތިމާޢީ ފޭރާން ރަނގަޅުކުރުމަށް މަސައްކަތްކުރަމާ ބަހީ އެވެ. އަޅުގަނޑާ އެއްބައިވަމާ ބަހީއެވެ. މިކަމުގައި ވިސްނުން އެއްގޮތްކޮށްލަމާ ބަހީ އެވެ. މިކަމުގައި ފާޅުވަމާ ބަހީ އެވެ. މިކަމުން ވެލިދޫގެ ނަން ހަޑިވެފައި ވީތީވެ، އެކަމާ އަޅާލަމާ ބަހީ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST