ޔާމިންގެ ހިޔާލު: ސިޔާސީ ގޮތުން އެކުވެރި ވެވިދާނެތޯ؟

ސިޔާސަތަކީ އޭގެ ޒާތުގައި ރަނގަޅު އެއްޗަކަށް ވީނަމަވެސް، އޭގެ ވަށައިގެން ހިނގަމުންދާ ކަންކަމަކީ އެންމެ ރަނގަޅުކަންކަމަށް ނުވެދާނެ އެވެ.

ކޮންމެ ކަމެއްގައިވެސް އެކަމެއްގެ ރަނގަޅާއި ނުބައި އޮންނަ ފަދައިން ސިޔާސަތަކީ ވެސް ރަނގަޅާއި ނުބައި އޮންނަ އެއްޗެކެވެ. ސިޔާސަތު ހިންގަނީ ނުވަތަ އެކަމުގައި ޢަމަލީ ގޮތުން އުޅެނީ، ސިޔާސީ ވެރިންނެވެ. ނުވަތަ ރައްޔިތުންގެ ތެރެއިން ކަންކަމުގައި ބަސްކިޔާ، ބޮޑުވާން އުޅޭ މީހުންނެވެ.

މީގެ ތެރޭގައި ކަމާވާން ކަންކުރާ މީހުންނާއި، ކަންވޮށިގެންވާ މީހުންވެސް ހިމެނޭއެވެ. ސިޔާސަތު ހިންގެވުމަށް ވެރިންނަށް ހިތްވަރުދެއްވަނީ އެތަނެއްގައި އުޅޭ ހަރު ބޭފުޅުންނެވެ. ވެރިޔާގެ ފަހަތުގައި އެނބުރޭ އަރިސްބޭފުޅުންނެވެ. ކަންކަން ގޯސްކޮށް ދިއުމުގައި، އަދި ސިޔާސަތު ހަމަ މަގުން ނެއްޓުމުގައި މިބޭފުޅުންގެ އިހުމާލު ބޮޑުކަން ފާހަގަކުރެވެއެވެ.

ސިޔާސީ ލީޑަރަކަށް މީހަކު ވަނީ އެމީހެއްގެ ވަކި ސިޔާސީ ފިކުރެއް އޮވެ، އެފިކުރުމަތީގައި ޤައުމުގެ ވެރިކަމަށް ފައިނެންގުމަށް މަސައްކަތްކުރައްވަން އަޒުމް ކަނޑައަޅުއްވާ މަސައްކަތްކުރެއްވުމުން ނުވަތަ ސިޔާސަތުތަކަށް ފާޑުކިޔުއްވާ ސިޔާސަތުގެ ތެރެއަށް އަތްބޭނެއްވުމަށް މަސައްކަތްކުރެއްވުމުންނެވެ. ގިނަ ފަހަރަށް ސިޔާސީ ލީޑަރުންނަކީ އަޑުގަދަ މީހާ ރުއްގިނަވާ އުސޫލުން ފާޅުވާ ބައެކެވެ. ޤައުމުގައި މިބޭފުޅުންގެ އަޑުގަދަވުމުގެ ސަބަބުން، މަޝްހޫރުކަން ހޯއްދަވައެވެ. ނަމަވެސް، އެންމެ މަޝްހޫރު ބޭފުޅަކީ، އެންމެ މަޤްބޫލު ބޭފުޅާއެއް ނޫން ދެއްތޯ؟

ސިޔާސީ ލީޑަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އޮތުމަކީ އާއްމުކަމެކެވެ. އިންސާނީ ތަޖުރިބާ ދައްކާގޮތުން، ސިޔާސީ ލީޑަރުންގެ މެދުގައި ސިޔާސީ ވާދަވެރިކަން އޮންނަނީ ވަރަށް މަދު ފަހަރެއްގައެވެ. އޭގެ ބަދަލުގައި ގިނަ ފަހަރަށް މިފެންނަނީ، ސިޔާސީ ހަތުވެރިކަމެވެ. އާދެ! ސިޔާސީ ދެކޮޅުވެރިކަމެވެ. ސިޔާސީ ލީޑަރުންނަށް ވަޠަނީ ރޫހެއްގައި، އެކުއެކީގައި އެއް މިސްރާބަކަށް މަސައްކަތް ނުކުރެވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސިޔާސީ ހަތުރުވެރިކަމެއްގެ ތެރޭގައި އެބޭފުޅުން މަސައްކަތްކުރައްވަމުން ގެންދެވުމެވެ.

ކޮންމެ ސިޔާސަތެއް ބިނާވެގެން އަންނަނީ ރައްޔިތުންގެ ވިންދާ ގުޅުވައިގެންނެވެ. ފަހަރުގައި އެރައްޔިތުންގެ ބައި މަދުވެދާނެއެވެ. އެހެން ނަމަވެސް، ސިޔާސަތަކަށް ނިސްބަތްވުމުގައި ވަކި ފިކުރަކަށް ތަބާވެގެން ތިބެދާނެއެވެ. ބައިމަދުވިޔަސް ނުވަތަ ގިނަވިޔަސް، ސިޔާސަތެއް ބައްޓަންކުރެވުމުގެ އަސްލަކީ ރައްޔިތުންނެވެ.

މިތާގައި ރައްޔިތުންގެ މާނައަކީ، އެސިޔާސަތަކަށް ތަބާވާ މީސްތަކުން ނުވަތަ މީސްކޮޅު ކަމުގައިވެސް ބެލެވިދާނެއެވެ. އެގޮތުން ރައްޔިތުންގެ ތެރެއިން ވަކި ބަޔަކަށް ޚާއްސަކޮށްގެން ނުވަތަ އެމުޖުތަމަޢުއަކަށް ޚާއްސަކޮށްގެން ސިޔާސީ ލީޑަރުން ސިޔާސަތު އެކުލަވާލައެވެ. މިގޮތަށް މިކަންކުރުމުގައި ސިޔާސީ ވާދަވެރިންގެ ބޯކޮޅު ވަރަށް ސިއްރު ސިއްރުން ބައްލަވާ، އެއްބޭފުޅަކު އަނެއްބޭފުޅެއްގެ ސިޔާސަތަށްވުރެ، ރަނގަޅުކުރުމަށް މަސައްކަތްކުރައްވައެވެ. އެލީޑަރެއްގެ މަޤްބޫލުކަން އަންނަނީ އެސިޔާސަތުން ރައްޔިތުންނަށްކުރާ ފައިދާގެ މައްޗަށް ބުރަވެ، އެ ތަރައްޤީއާއި ތަހުޒީބުގެ ތިލަފަތުން ކިރާލުމުންނެވެ. ސިޔާސީ ލީޑަރުންގެ ވާދަވެރިކަމުން ރައްޔިތުންނަށް ހެޔޮ އަސަރުކުރާއިރު، ދެކޮޅުވެރިކަމުން ރައްޔިތުންނަށް ދަނީ، އަނބުރާ އިޢާދަނުކުރެވޭ ވަރުގެ، ގެއްލުންތަކަކާއި ކުރިމަތިވަމުންނެވެ. އެފަދަ އެތައް ހެކިތަކެއް މިހާރުވެސް ދަނީ މިދިވެހިރާއްޖެއިން ވެސް ފެންނަމުންނެވެ. އެގޮތުން ރައްޔިތުންނަށް ދުރު މުސްތަޤުބަލުގައި ފައިދާކުރަނިވި މަޝްރޫޢުތައް ސިޔާސީ ދެކޮޅުވެރިކަމުގައި ހުއްޓުވުމުގެ ސަބަބުން އަދި ހުއްޓުވަން މަސައްކަތްކުރުމުގެ ސަބަބުން ދަނީ ގެއްލުންތަކެއް ލިބެމުންނެވެ. މީގެ ކުޑަ މިސާލެއް ރާއްޖެއިން ޖަހާލާއިރު، ދުލުގެ އެންމެ ކުރިއަށް އަންނަނީ އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓް އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ކުރީގެ ސަރުކާރުން ކުއްޔަށްދިނުމުން އެކަމާއި ދެކޮޅަށް އޭރު އިދިކޮޅު ފަރާތްތަކުން، އާދެ! މިއަދު ސަރުކާރުގެ ވެރިން ތެދުވި ތެދުވުމެވެ. ދެވަނަ މިސާލަކަށް ވިސްނާއިރު އާސަންދައިގެ ވާހަކަ ނުދައްކާ ދޫކޮށްލެވޭނީ ކިހިނެއްތޯ؟

ރައްޔިތުންނަށް ހިލޭ ބޭސްފަރުދިނުމުގެ ނިޒާމެއް ޤައިމުކުރުމަށް ނިމިދިޔަ ސަރުކާރުން ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އައި އާސަންދައިގެ ނިޒާމުގެ ތެރެއަށް އާސަރުކާރުން އަތްބޭނުމަށް މަސައްކަތްކުރިކުރުމަކީވެސް ސިޔާސީ ދެކޮޅުވެރިކަމުގެ ތެރޭން އައި ކަމެއްކަމުގައި ސިޔާސީ މުހައްލިލުން ފާހަގަކުރެވެއެވެ. ނަމަވެސް، އާސަރުކާރުން އާސަންދައިގެ ނިޒާމާ ކުޅެންޖެހުނީ ބަޖެޓްގެ ދަތިކަމާއި ހެދި ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

ސިޔާސީ ދެކޮޅުވެރިކަމާއި ހަތުރުވެރިކަމުގެ ތެރެއިން ރައްޔިތުންނަށް އަނިޔާކުރުމުގެ ސަޤާފަތްތަކެއްވެސް ރާއްޖެވަނީ ދެކިފައެވެ. އެގޮތުން ރާއްޖޭގެ ވެރިކަމުގެ ތާރީޚަށް ބަލާލާއިރު، މީގެ ދިހަ ވަރަކަށް އަހަރުކުރިން ސިޔާސީ ދެކޮޅުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާވެ، އަދި ވަކީން ޚާއްސަ ގޮތެއްގައި އޭރުގެ ސިޔާސަތާއި ދެކޮޅު ހެއްދެވި ފަރާތްތަކަށްވެސް ވަނީ ގެއްލުންތަކެއް ލިބިގެން ގޮސްފައެވެ. މިއަދުގެ ހާލަތަށް ބަލާލައިރުވެސް، ފެންނަމުންދަނީ ގާތްގަނޑަކަށް އެއް މަންޒަރެކެވެ. ސިޔާސަތާއި ދެކޮޅަށް ސިޔާސީ ފިކުރުގައި ތިބެ މަގުތައްމަތީގައި ރައްޔިތުން ކުރަމުންގެންދާ މުޒާހަރާތައް ސިޔާސީ ދެކޮޅުވެރިކަމުގައި ނުވަތަ ސަލާމަތީ ބާރުތަކުގެ ސިޔާސީ ޖަޒުބާތުގައި ދަނީ އަނިޔާވެރިކޮށް ރޫޅާލަމުންނެވެ. އަދި ސިޔާސަތާއި ދެކޮޅު ހައްދަވާ ފަރާތްތަކުގެ މައްޗަށް ސިޔާސީ ދެކޮޅުވެރިކަމުގައި ތިއްބަވައިގެންދަނީ ސިޔާސީ ދައުވާތަކެއް ކުރަމުންނެވެ.

މިހުރިހާ ކަމަކަށް ފަހު، އަޅުގަނޑުމެންގެ ކުރިމަތީގައިވާ ސުވާލަކީ، ސިޔާސީ ލީޑަރުން އެކުވެރި ވެދާނެތޯއެ؟

އެކުވެރިކަމުގެ ވަލުން ބަނދެވި، އިއްތިހާދު ހަދައިގެން ވެރިކަމުގެ ނިޒާމުގެ ތެރޭގައި ފައިހަރުކޮށްލުމަށް މީގެ ކުރީގައިވެސް ވަނީ ސިޔާސީ ލީޑަރުން މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް، އެއިން ކޮންމެ ފަހަރެއްގެ ތަޖުރިބާވެސް ވެގެންގޮސްފައި ވަނީ، އެހާމެ ހިތި ތަޖުރިބާއަކަށެވެ. އިއްތިހާދުގެ ތެރޭގައި ތިއްބައިވެގެން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ބަދުބަސް ރައްދުކުރެއްވުމާއި، ސިޔާސީ ފައިދާއެއްގެ ބޭނުމުގައި އަނެކާ ޤުރުބާންކުރުމުގެ ހުތުރު ޢަމަލުތަކުގެ ސަބަބުން ދެކޮޅުވެރިކަން ހައްދު ފަހަނައަޅާގޮސް، އެފަދަ ކޮންމެ އިއްތިހާދެއްވެސް ވަނީ ބަރުބާދުވެފައެވެ. މިހާރުވެސް ސިޔާސީ މަޝްރަހުން ދަނީ، އެފަދަ އިއްތިހާދެއް ބަރުބާދުވަމުންދާތަނެވެ.

ކޮންމެ ސަރުކާރެއްގެ ފަހަތުގައިވެސް އެސަރުކާރަކަށް ބާރުވެރިވާނެ ބަޔަކު ތިބެންޖެހެއެވެ. އެހެން ނަމަވެސް، އެބަޔަކީ އެއް ސިޔާސީ ފިކުރެއްގެ ބަޔެއްކަމުގައި ވާންޖެހެއެވެ. އެއީ އިންސާނާގެ ފިކުރުގެ ސަބަބުން އަނެކާއާއި ގުޅުން ބަދަހިކުރުމަށް ބައެއް ފަހަރުގައި ބުއްދި ދެކޮޅު ހަދައެވެ. މިހާލަތަކީ އާންމުކޮށް ސިޔާސީ ބޭފުޅުންނަށް ކުރިމަތިވާ ކަމެކެވެ.

މިހާ ހިސާބުން ކަށަވަރުވާ އެއްކަމެއް އެބަ އޮތެވެ. އެއީ ވެރިކަންކުރައްވަން ބޭނުންފުޅުވާ އެއްވެސް ސިޔާސީ ލީޑަރަކީ، އެފަދަ އަނެއް ސިޔާސީ ލިޑަރާއި ސިޔާސީ ގޮތުން އެކުވެރިކަން ބޭއްވެވޭފަދަ ހާލަތެއްގައިވާ ބޭފުޅެއް ނޫން. އެއީ އެބޭފުޅަކު އަބަސްދުވެސް ބައްލަވާނީ އަނެކާއަށް ވުރެ، ފުރިހަމަ އަގުލަބިއްޔަތަކުން ރިޔާސީ ރޭސް ކާމިޔާބުކުރެއްވޭތޯއެވެ. ކަންމިހެން އޮތްކަމުގައި ވީނަމަވެސް، ތަހުޒީބީ ރައްޔިތަކު އެފަރާތުގެ ވޯޓު ދޫކޮށްލެވާނީ ފުރިހަމަ ސިޔާސަތަކަކީ ކޮބާތޯ ބެއްލެވުމަށް ފަހުކަމީ ޔަޤީންކަމެކެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST