އަތޮޅުގެ ކަރަންޓް މައްސަލަ އަށް އަވަސް ހައްލެއް ބޭނުންވޭ

ނ. އަތޮޅަށް ބަލާއިރު މިވަގުތަށް އެންމެ ބޮޑު އެއްމައްސަލައަކީ ކަރަންޓަށް ދިމާވަމުން އަންނަ މައްސަލަ އެވެ. އަތޮޅުވެރިކަންކުރާ މަނަދޫން ދޭތެރެ ދޭތެރެއިން ކަރަންޓްދެ އެވެ. އަދި އަތޮޅުގެ އާބާދީ އެންމެ ބޮޑުރަށް ވެލިދޫ އަށް ލިމިޓްކޮށްގެން ކަރަންޓްދޭންޖެހޭ ހާލަތްތައް އެބައާދެ އެވެ.

މިއީ މި ޒަމާނަށް ބަލާއިރު އެންމެ އަސާސީ ހިދުމަތެކެވެ. މި ހިދުމަތް އެކަށީގެންވާ ފެންވަރަކަށް ނުލިބޭނަމަ ރައްޔިތުން އެކަމާ ޝަކުވާ ކުރާނެ އެވެ. އޭގެ ނޭދެވޭ އަސަަރު ފަހުން ސަރުކާރަށް ފެންނާނެ އެވެ.

ނ. އަތޮޅަކީީ ރާއްޖޭގައި ޓޫރިޒަމް ކުރިއަރަމުން އަންނަ އަތޮޅުތަކުން އަތޮޅެކެވެ. މިހާރު ވެސް އޮޕަރޭޓްކުރާ ހަތަރު ރިސޯޓް އެބައޮތެވެ. އަދި އިތުރު ރިސޯޓްތައް ހެދުމަށް ޕްރޮޕޯސްކޮށްފައިވާ ރަށްތައް ވެސް މަދަދެއް ނޫނެވެ.

ރާއްޖޭގެ ސަރުކާރަށް އެންމެ ބޮޑު އާމްދަނީ އެއް ވަންނަ އެއް ދާއިރާއަކީ ވެސް ޓޫރިޒަމް އެވެ. އެހެންކަމަށްވާއިރު އެ އިންޑަސްޓްރީ ފުޅާވެ ކުރިއަރަމުން އަންނަ އަތޮޅަކުން ސަރުކާރަށް ޓެކްސްގެ ގޮތުގައި ރަނގަޅު އާމްދަނީ އެއް ވާންނާނެކަން ޔަގީނެވެ. އަދި ޓޫރިޒަމްއާ ގުޅުން ހުރި ސަފާރީ ބަނުމާ އެހެން ހަރަކާތްތަކަށް ބެލި އަސް ސަރުކާރަށް ރަނގަޅު ނަފާ އެއް ނޫނު އަތޮޅުން ވަންނާނެ ކަމާ މެދު އެއް ވެސް ޝައްކެއް ނެތެވެ.

މާލެ ސަރަހައްދަށް ގިނަ ކަންތައްތަކެއް ބަޖެޓްކުރަނީ ވެރިކަންކުރާ ރަށަށްވެފައި ގިނަ އިގްތިސޯދީި ކަންކަން ހިނގާތީ އެވެ. އަދި ސަރުކާރަށް އެކި ގޮތްގޮތުން ވަންނަ ފައިސާގެ އަދަދު މިލިއަނުން ގުނާލެވޭތީ އެވެ.

އެގޮތަށް ބަލަންޏާ ނ. އަތޮޅުން ގިނަ އަދަދެއްގެ ފައިސާ ސަރުކާރަށް ވަންނައިރު އަތޮޅަށް ބޭނުންވާ ބައެއް ކަންކަމުގައި އެ ފައިސާ ބޭނުން ނުކުރެވެންވީ ކީއްވެތޯ އެވެ. ސަރުކާރުން އަތޮޅުތަކަށް ކަންކަން ކުރުމަށް ބަޖެޓްކުރާއިރު އަތޮޅުން ސަރުކާރަށް ވަންނަ އާމްދަނީ އާ މެދު ވިސްނާލުން މުހިއްމެވެ. އަދި ކަރަންޓް ހިދުމަތްފަދަ އަސާސީ ހިދުމަތްތައް ޒަމާނަށް އެކަށީގެންވާ ގޮތަށް ލިބެންޖެހެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ